Monday, July 20, 2009

ރައްޔިތުންނޭވެ! ފިކުރުކުރާކަށް ނުވޭތޯއެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީއެއްގެ ހިޔާއެޅި، ކޮކާއަވި މަދުންނަމަވެސް ފެންނަމުންދާ މި ރާއްޖޭގައި މިއޮތް ގިނަ ޕާޓިތައް އެކުލެވޭ ޑިމޮކްރެސީގައި، އަޅުގަނޑުމެން މިކިޔާ ފުރިހަމަ ނިޒާމުގެ ދަށުން ބޭއްވުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޚާބު ނިމި އަޅުގަނޑުމެންގެ ޙައްޤުތަކާއިގެން އަނގަތަޅުވާން އަޅުގަނޑުމެން އިޚްތިޔާރު ކުރި ބޭބޭފުޅުންގެ އަޑު އެ މަޖިލީހުގައި އިވެމުންދާ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަމުއެވެ. އަދި ކެމްޕެއިން ދުވަސްވަރުގައި ވަމުން އައި ވަޢުދުތަކާއި އަޅުގަނޑުމެންގެ ޙައްޤުތަކުގެ އަޑު އެ މަޖިލީހުގައި ނިކަން ގަދަވާނެކަމަށް ދަޢުވާ ކުރަމުންއައި އަޑުތައް އަޅުގަނޑުމެން އެހީމުއެވެ. "ނަވާރަ އަހަރު"ގެ ދިގު ތަޖުރިބާގައި ރައްޔިތުން އިޙުޞާސް އަދި ޙާލަތާއި ވިންދު ފިސާރި ފުރިހަމައަށް ދެނެހުރިކަމަށް ބުނަމުން އައި އަޑުވެސް އަޅުގަނޑުމެން ނިކަން ކަނުލާ އެހީމުއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެވާހަކަތަކަށް ފުރިހަމައަށް ހެއްލިގެން ދިޔަކަން އަޅުގަނޑުމެން މިތިބީ ދެނެގެންނެވެ.

ފާޅުގައި އަޅުގަނޑުމެންގެ ޙައްޤުތަކުގެ ވާހަކަ ދެއްކުން އެއީ އަޅުގަނޑު އަބަދުވެސް އެދޭ އެދުމެކެވެ. ރައްޔިތުންނަށް ވިސްނައިދިނުމަށް އަޅުގަނޑުގެ ފެންވަރުން މަސައްކަތް ކުރުމަކީ ކުރާހިތްވާ ކަމެކެވެ. އެތައް އަހަރެއް ވަންދެން އެކަކު، މިކިޔާ ޢިއްޒަތްތެރި ގޮނޑިއަށް އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައްޔިތުން އިންތިޚާބު ކުރާ ވާހަކަ މި ދައްކަނީ އެއްޔެއަކު މިއަދަކު ނޫނެވެ.

ޒަމާންތަކެއް ފާއިތުވެ ގޮސްފިއެވެ. އެހެންނަމަވެސް ރައްޔިތުން ލޯމަތިން ފެންނަން މިއޮތް ހޭލުންތެރި ޒަމާނުގައި ށަވިޔަނި އަތޮޅުގެ ރައްޔިތުންނަށް މިފަދަ މުޙިއްމު ކަންކަމާމެދު ވިސްނާނުލެވޭކަމީ އަޑުން އަޑުނަގާ ރޯންޖެހޭފަދަ ކަމެކެވެ. މައިންބަފައިންނާ ކުޑަކުދިން އެއްކޮށްގެން ޢާއިލާއެއް އެއްތަނެއްގައި ތިބެ، ބަލާލަން ލަދުގަންނަފަދަ ނާޗަރަންގީ ކުޅެން ފައިސާފޮއްޗެއް ދިއްކޮށްލާތީ އަޅުގަނޑުމެންނަށް ލިބިފައިވާ އަގުބޮޑު ޙައްޤު ވިއްކާލާކަމީ އާޚިރުގައި ޢިބުރަތެއް ކަމުގައި ނުވެނުދާނެއެވެ.

މިއަދު މައިންބަފައިން އެމީހުންގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި، އެދަރީން އެދަރީންގެ މައިންނާއި ބަފައިންނަށްޓަކައި އަދި މުސްކުޅިވީ ދުވަހު ނިކަމެތިވެފައި ތިބި މާމައިންނާއި ކާފައިންނަށްޓަކައި ހެޔޮވެރިކަމުގެ އުޞޫލާއި އެއްގޮތަށް ހެޔޮ ވިސްނުމުން ވިސްނައި ފިކުރުކުރަން އެބަޖެހެއެވެ. ތިމާމީހުންނަށް ޙައްޤުތަކެއް ލިބިދީފައިވާފަދައިން ބޮލުގައި އެޅިފައިވާ ޒިންމާތަކެއްވެސް އެބަހުރިކަން ދަންނަން ޖެހެއެވެ. މިއަދު ތިމާމީހުން ކަރުދާސްކޮޅެއްގައި ޖަހާލި އެންމެ ފާހަގައަކުން، ހަމަ އެންމެ ފާހަގައަކުން ފަހުގެ ތާރީޚެއްގައި ލޮލުން ކަރުނަ ފުހެން ޖެހިދާނެކަމާމެދު ފިކުރު ހިންގަންއެބަ ޖެހެއެވެ. އެ ވިދާޅުވާ ޢިއްޒަތްތެރި މޭޒުކޮޅު ކައިރިއަށް ކޮޅަށް ތެދުވެވަޑައިގެން، ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތަކުގެ ވާހަކައާއި ރައްޔިތުންގެ ޙައްޤުތަކުގެ ވާހަކައާއިގެން ދޫ ހަލުވާލީ ކިތައް ފަހަރުތޯ މިނެ ކިރަން އެބަޖެހެއެވެ. ޢަދަދު ގުނުމަށް އެއްއަތުގެ ބޮޑުވައި އިނގިލިން ފަށައިފިއްޔާ އެ އަތުގެ ކުޑަވައި އިނގިއްޔާ ހަމައަށް ނުދާނޭކަން ޔަޤީނާ ގާތަށް ދަންނަވަން ކެރެއެވެ. އެހެނަސް މިކަންކަމާމެދު ވިސްނާ ފިކުރުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ރައްޔިތުންބާއެވެ.

"ބައެއް ރައްޔިތުން" ވިސްނަންވީ ވިސްނުމަކީ، ޤަބޫލުކުރަންވީ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ޙައްޤުތަކުގެ ވާހަކަ، އެދޭ އެދުންތަކުގެ ވާހަކަ، ލިބިދޭންޖެހޭ ޚިދުމަތްތަކުގެ ވާހަކަ، އެންމެ ފުރިހަމަ ގޮތުގައި ދެނެ ހުރެގެން ދެއްކޭނީ އަޅުގަނޑުމެންނާއި އެއް ހަމައެއްގައި ލޭހިނގާ މީހެއްކަމުގައި ކަމެވެ. މިލަދުއްމަޑުލުގެ ރައްޔިތުންގެ ޙާލަތާއި ވިންދު ހައްދުންމަތިން އައިސް ހުރި މީހަކަށް އެންމެ ފުރިހަމަ ގޮތުގައި އެނގިދާނެބާއެވެ. ރަށުމީދާ ރަށަށް ގަދަވާނޭ ވާހަކަ ކާބަފައިން ދައްކަމުން އައީ ކީއްވެގެންތޯ؟ ޙިކުމަތެއް ވާނޭކަން ކަށަވަރެވެ. މިކަމުގައި ޙިކުމަތުގެ ފުރިހަމަކަން މިދެންނެވި "ބައެއް ރައްޔިތުން" ވިސްނަވާލެއްވިއްޔާ އަދި މާ ފުރިހަމަ ވާނެތާއެވެ.

ރައްޔިތުންގެ ވިޔާނުދާކަމުގެ ވާހަކަ އެއީ ވަރަށް ދައްކާހިތްނުވާ، ދައްކަން ލަދުގަންނަވާހަކައެކެވެ. އެހެނަސް މިއަދު ކޮންމެވެސް ބަޔަކު މިވާހަކަތައް ދައްކަން މަޖުބޫރުވެއްޖެއެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން އެކަން އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ނަތީޖާ ވަރަށް ސާފެވެ. "ރައްޔިތުންނަކަށް ނުވިސްނެއެވެ. އަދި އެހާމެ ވިޔާނުދެއެވެ." ނަތީޖާއަކީ މިއީ ނޫންތޯއެވެ. އަނގަޔަށް އިނގިލި ޖަހައިގެން އިނގިލި ބޯން ތިބެގެން ވާން ނެތްކަށް އެނގިގެން ހިގައްޖެއެވެ. ދޮގެއްތޯއެވެ.

އަޅުގަނޑުމެންގެ ތެރެއިން ނުވިސްނި ތިބި ބަޔަކު ސިކުންތު ކޮޅެއްގެ ތެރޭގައި ޖަހާލި އެންމެ ފާހަގަ އަކުން ނިކުންނަމުން މިދާ ހިތި ރަހަ އަތޮޅުގެ ހުރިހާ ރައްޔިތުން ދެކެން ޖެހުމީ މިބުނާ ނުބައި ގޮޅީގައި ފާހަގަ ޖެހި މީހުން ޒިންމާ ވާންޖެހޭ ކަމެއް ކަމުގައި ނުވެނުދާނެއެވެ. ހަމަ އެމީހުންވެސް ފަހުން ގިސްލާން ޖެހޭތަން ދެކެން މިއަދު ގިސްލަމުން މިދާ ނިކަމެތި ރައްޔިތުން ތިބިކަން ހަނދާނުން ފުހެނުލާށެވެ. އެބަޔަކާމެދު މިއަދު އަޅުގަނޑުމެން ވިސްނައި އެބައިމީހުންގެ ޙައްޤުތަކާމެދު ޒިންމާވާންޖެހޭ، އަންނަން އޮތް ޖީލުގައި އަޅުގަނޑުމެންގެ ދަރީންގެ ދަރީންވެސް، މިކަންކަމާމެދު ފަހުގެ ތާރީޚުތަކުގައި އަޅުގަނޑުމެންނާމެދު ހިތްހަމަ ނުޖެހިގެން ދަޢުވާ ނުކުރާނޭ ކަމަށް ހީނުކުރާށެވެ. ސުވާލު ނުކުރާނޭ ކަމަށް ހީނުކުރާށެވެ.

މިއަދު އަޅުގަނޑުމެންގެ ބޮލުގައި މި ބޮޑު ޒިންމާ އެޅިފައި އޮތް އިރު މިކަމާމެދު ފުންކޮށް ވިސްނައި، ފިކުރުހިންގާ، ފަހުތިބީންގެ ޙައްޤުތަކަށް ރައްކާތެރިވާން އެބަޖެހެއެވެ. ވަކި މޫސުމެއްގައި އެއްކަލަ ރިޝްވަތުން ފުރިގެންވާ އަތްޕުޅުން ދިއްކޮށްލާ ލޯ ލާރީގައި ހިފުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިން ފުހެލަންވެއްޖެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ރައްޔިތުންގެ ކަށީގައި...ކަށީގައި ކީއްކުރަންތޯ؟.. ކަށީގެވެސް "މަދުގައި" މިނުބައި އާދަ ތަތްވެ، ހިލަވެފައި ހުރިކަމެވެ. އެހެނަސް މިބުނާ ލޯ ލާރި ފޮތި އަންބޮޑިއަށް ލާން ލިބޭތީ ފިނިއަށިތަކުގައި އަތްތިލަބަޑި ޖަހާ ނެތްތަނަށް އަނގަހުޅުވައިގެން ހީ، އުފާ ކުރާންވީ ވަގުތެއް އަދި ނާދެއެވެ. އަދި ތިމާމީހުން ނޫނަސް "ބަޔަކު" އެބައުޅޭކަން ދަންނަންވެއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި ފާޅުގައި ރައްޔިތުންނާ ދެކޮޅަށް ނިކުމެ، އެތައްބައެއްގެ ޙައްޤުތައް ނެތިގެންދާގޮތަށް ޢަމަލުކޮށްފައި، މިއަދު ހެވިފައި ތިއްބަސް، އަދިވެސް ބާރާއި ނުފޫޒު މިޤައުމުގައި އޮތްކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އިލްތިމާސަކީ ބައެއްގެ ޙައްޤުތަކެއް ވާކަން ދަނެ، މިކަންކަމާ ފިކުރު ހިންގާ އެންމެންގެ ޙައްޤުތައްވެސް ރައްކާތެރިކުރުމެވެ.

ދިވެހި ލޭހިނގާ، ދިވެހި ދަރިއަކަށް ވީތީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ފަޚުރުވެރިވާނެއެވެ. ހަމައެހެންމެ މާޒީގައި ފަނޑުވެފައިވާ އަޅުގަނޑުމެންގެ ޙައްޤުތަކުގެ ވާހަކައިގެ އަޑު ގަދަ އަޑެއްގެ ގޮތުގައި އިއްވުމަށް، ހުރިހާ ރައްޔިތުންގެ އިޙުޞާސް ފުރިހަމަ ގޮތުގައި ދެނެ ހުރި، ގާތުންދެކޭ، ޒަމާނުއްސުރެ ވަޒަންވެރިވެފައިވާ އުފަން ރަށުގެ ދަރިއަކު ރައްޔިތުން އިޚްތިޔާރުކޮށްފިނަމަ އަދި މާ އުފާވެ، ހިތްހަމަޖެހޭނެކަން ޔަޤީނެވެ. އެހެނަސް ލިބުނު ފުރުޞަތުގެ ބޭނުން "ބައެއް ރައްޔިތުން" ނުހިފިކަމީ ދެރަކަމެވެ. އަތޮޅުގެ ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް ކަނޑިތީމުގެ ރައްޔިތުންނަށް ޒަމާނީ ހެޔޮ ބަދަލަށް ހޭލެވިފައި ނެތްކަމުގެ ސާބިތު ހެއްކެކެވެ. މިކަންވެސް ތާރީޚުގައި ލިޔެވިގެން ދިޔައީއެވެ. މާޒީވެ ގޮސްފިއެވެ. އެހެނަސް ރައްޔިތުންނަށް ވިސްނުމުގެ ފުރުޞަތެއް އަދިވެސް ނުގެއްލެއެވެ. މިކަމުގައި އެފުރުޞަތެއް ނުވެސް ގެއްލޭނެއެވެ. ނަމަވެސް ނުވިސްނުނު ދުވަސްތަކުގެ ހިތިކަން ކުރިމަގުގައި ދެކޭނެކަން ގައިމެވެ.

އަންނަން އޮތް ޒަމާނުގައި އަޅުގަނޑުމެންގެ ދަރީންވެސް މިކަންކަމާ ކުރިމަތިލާނެކަން ޔަޤީނެވެ. އެދުވަހުން އަޅުގަނޑުމެންގެ ދަރީން ރީނދޫ ހިޔަލުގައި ރައްޔިތުންގެ ހައްޤުތަކުގެ ބާރު އަޑާއިގެން ތެދުވާ ދުވަހު ކޮންގޮޅިއެއްގައި ފާހަގަ ޖަހާނެބާވެއޭ ހިތަށްއަރައެވެ. މިއަދު އަދި އެއްކަލަ ފައިސާކޮޅުން ފުއްދާލެވޭނޭ ހިތާ، ވިސްނާނުލައި އަދި މާދަމާވެސް އޮންނާނޭ ކަމަށް ހީކޮށް ތިބެންވީއެއް ނޫނެވެ. އަޅުގަނޑުމެންގެ ދަރިއަކު މިއަދުވެސް އަޅުގަނޑުމެންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި ރައްކާތެރިކޮށްދިނުމުގެ ހެޔޮ ނިޔަތުގެ ތެދުވެއްޖެއެވެ. އެހެނަސް "ބައެއް ރައްޔިތުން" އޮތް ދަހިވެތިކަމާއި ހަސަދަވެރިކަމެއްގެ ބޮޑުކަމުން ފާޅުގައި އެކަމާ ދެކޮޅު ހެދީއެވެ. "ނަވާރަ އަހަރު"ގެ ޒަމާންވީ ތަޖުރިބާއިން ރައްޔިތުންގެ އިޙުޞާސް، އަދި ޙާލަތާއި ވިންދު ފުރިހަމައަށް ދެނެގެން ހުރިތީ މިއަދު ރައްޔިތުންނަށް ވަނީ ކޮންފައިދާއެއްތޯއެވެ. ތެދެއްމެ، ފައިސާގެ ދަހިވެތިކަމުގައި މުޅި ޢުމުރު އެކުގައި ވޭތު ކުރިއަސް ރައްޔިތުންނަށް ވާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެތާއެވެ. ޖެހިފައިމިވާ މުޞީބާތުގެ ބޮޑުކަން ހިތަށްގެންނާކަށް ނުވޭތޯއެވެ. އަތޮޅުގެ ރައްޔިތުންގެ އަޑު އެ މަޖިލީހުގައި އެބަ އިވޭތޯއެވެ. އަމިއްލައަށް މިކަންކަމާ ވިސްނައި ލޮލުން ފެންކަޅިވާ ހިސާބަށް ނުދޭތޯއެވެ. މިއީ މިއަދު އަޅުގަނޑުމެން ބޮޑު ކަމެއްގެ ގޮތުގައި ދެކި، ވިސްނާ ފިކުރުކުރަންވީ ވަގުތެވެ. ދެކޮޅުވެރިކަމާއި ބޮޑާކަން ކުރިއަށްނެރެންވީ ވަގުތެއް ނޫނެވެ. އަދިވެސް ތިމާމީހުންގެ ބާރު ގަދަކަމަށް ހީކޮށް ގޮތްދޫނުކުރުމާއި ހަސަދަވެރިކަމުގައި ސާބިތުވާންވީ ވަގުތެއްވެސް ނުމެނޫންމެއެވެ. މިއީ ތިމާމީހުންނަށް މޮޔަކަމެއް މާޒީގައި ކުރެވިފައިވާކަން ދަނެ، އެކަންކަމާއި މެދު ހެޔޮވިސްނުމުން ވިސްނަންވީ ވަގުތެވެ. އެތައް ބައެއްގެ ޙައްޤުތަކެއް ތިމާމީހުންގެ ސަބަބުން ނެތިގެންދާކަމަށް ޤަބޫލުކޮށް، އެމީހުންގެ ކިބައިން ރިވެތި ގޮތުގައި އެކަންކަމަށް މަޢާފަށް އެދި، މުސްތަޤުބަލުގައި އެންމެންގެ އިޙުޞާސް ފުރިހަމައަށް ދަނެގެން ކުރިއަށް ދާންވީ ވަގުތެވެ.

No comments:

Post a Comment