ދަނޑުވެރިކަމާބެހޭ ކޯހެއް ކަނޑިތީމުގައި ފަށައިފި
ކޭލި ޖަމިއްޔާއިން އިސްނަގައިގެން ކަނޑިތީމުގައި “ކޯރސް އިން އެސެންޝިއަލް އެގްރިކަލްޗަރ ލެވެލް 1 އެންޑް ލެވެލް 2"ގެ ނަމުގައި ދަނޑުވެރިކަމާބެހޭ ކޯހެއް ފަށައިފިއެވެ. މިކޯހަކީ ޓީވެޓް އިން ފަންޑްކޮށްގެން ހިންގާ ކޯހެއްކަމަށް ކޭލި ޖަމިއްޔާގެ އޮފިޝަލް މަޢުލޫމާތުދީފައިވެއެވެ. އަދި މިކޯހުގެ އިންސްޓްރަކްޓަރ އެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ އިހަވަންދޫގެ ބޭފުޅެއްކަމަށްވެސް ކޭލި ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ކޯސް ފެށި އިރު ކޯހަށް ވަރަށް އެދެވޭ ތަރުޙީބެއް ލިބިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ. 01 ޑިސެމްބަރު ފެށިގެން 31 ޑިސެމްބަރު ގެ ނިޔަލަށް ކުރިޔަށްދާ މިކޯހުގައި މުޅި ޖުމުލަ 57 ފަރާތަކުން ބައިވެރިވެފައިވެއެވެ. ކޯސް ކުިރއަށް ދަނީ 2 ދަންފަޅިއަކަށް ބަހާލައިގެން ހެނދުނާއި ހަވީރުއެވެ. ޚާއްޞަ ގޮތެއްގައި ވަރަށް ޒުވާން ކުދިންނާއި ރަށުގައި މިހާރު ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުން މިކޯހުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިދުވަސްވަރަކީ ކަނޑިތީމުގައި ގިނަބަޔަކު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ފަށާފައިވާ ދުވަސްވަރަކަށްވުމާއެކު މި ކޯހުގެ ފައިދާ އެފަރާތްތަކަށް ވަރަށް ބޮޑަށް ކުރާނެކަމަށް ފެނެއެވެ. އަދި މި ކޯހުގެ ސަބަބުން އެފަރާތްތަކުގެ ދަނޑުވެރިކަން އިތުރަށް ފުޅާވެގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ކޯހުގެ ބައިވެރިން ހާމަކުރެއެވެ. އެހެންކަމުން ދަނޑުވެރިކަމާގުޅޭ ތަފާތު އިތުރު ގޮތްތަކެއް އެނގިގެންދާނޭކަމަށް އުއްމީދު ކުރާކަމަށާއި މިފަދަ ކޯސްތައް ކޭލި ޖަމިއްޔާއިން އިސްނަގައިގެން ހިންގާތީ ވަރަށް އުފާކުރާކަމަށްވެސް ކޯހުގެ ބައިވެރިން ހާމަކުރެއެވެ.
ކޭލި ޖަމިއްޔާއިން އިސްނަގައިގެން މިފަދަ ޙަރަކާތްތައް ހިންގާކަމީ ކަނޑިތީމުގެ ރައްޔިތުންނަށް ވަރަށް ގިނަގުނަ ފައިދާ ކުރާނެކަމެއްކަން ޔަޤީނެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ކޭލި ޖަމިއްޔާއިން އިސްނަގައިގެންވަނީ ޤުރުއާން ކްލާހެއްވެސް ހިންގާފައެވެ.

No comments:
Post a Comment