Wednesday, December 9, 2009

ކުނި އެޅުމުގައި ވަކި އުޞޫލެއް ނެތް


މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އަންހެނުންނާއި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ "އަންހެނުންގެ ކޮމިޓީ" އިން އިސްނަގައިގެން ރަށުގެ ހަތަރު ސަރަޙައްދެއްގައި ވަރަށް އިންތިޒާމް ކުރެވިގެން ކުނިކޮށިތަކެއް ހެދިގެން ދިޔަތަނެވެ. އަދި ހަމަޖެހިފައިވާ ވަކި އުޞޫލެއްގެ މަތިން ރަށުގެ އެންމެހާ ރައްޔިތުންވެސް އެކުނިކޮށްތަކަށް ކުނި އުކަމުން ދިޔަގޮތުގެ ލާމަޡީލު މިޡާލެވެ. ރަށުގެ ހަތަރު ސަރަޙައްދުގެ ރައްޔިތުން ނިކުމެ ދުވަހުން ދުވަހަށް އެދުވަހެއްގެ ކުނިތަށް އަންދާ، ކުނި ކޮށި ވަރަށް ފުރިހަމަ ގޮތެއްގައި ސާފު ކުރަމުން، ބަލަހައްޓަމުން ދިޔަ މަންޒަރެވެ. ނަމަވެސް މުޅީންހެން މިހާރު މަންޒަރު ބަދަލުވެ، އެމީހަކު ހިތަށްއެރި ތަނަކަށް ކުނިއެޅުމުގެ އާދަ އަނެއްކާވެސް ގިނަމީހުންގެ ކިބައިގައި ހަރުލައި، ކުނި ކޮށިތަކުގެ ސާފުޠާޙިރުކަން ވަނީ އިންތިހާއަށް ގެއްލިފައެވެ.

ކުނި ކޮށިތަކެއް އުފައްދާ އެތަންތަން އެދެވޭ ގޮތެއްގައި ހަމަޖެހޭ ވަކިއުޞޫލުތަކެއްގެ މަތިން ބެލެހެއްޓި، އެކަންކަން އެންމެނަށްމެ ފާއިދާ ކުރުވަނިވި ގޮތެއްގައި ހިނގަމުންދިއުމަކީ ގިނަބައެއްގެ އުއްމީދެކެވެ. އެތައްބައެއްގެ ހިތްހަމަޖެހުމާގުޅިފައިވާ ރަށުގެ ހުރިހާ ރައްޔިތުންނަށްމެ ނުހަނު ފައިދާކުރާނެ ކަމެކެވެ. ހަމައެހެންމެ ރަނގަޅުގޮތުގައި ކުނި ނައްތާލެވޭނަމަ ރަށުގައި އެކިި މޫސުމަށް ފެތުރޭ ބަލިމަޑުކަމަށްވެސް ޙައްލެއް އަންނާނޭކަން ޔަޤީނެވެ.

ރައްޔިތުންތަކެއްގެ ގިނަގުނަ މަސައްކަތްތަކަކަށްފަހު ކުނިކޮށިތައް އެދެެވޭ ގޮތެއްގައި ޤާއިމުވެ، ބެލެހެއްޓެމުން ދިޔައީތީ ގިނަބަޔަކު ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. މިހާރު އެކަން ނުބެލެހެއްޓި ބޮއްސުންލައިގެން ގޮސްފައިވިޔަސް، ބެލެހެއްޓެމުން ދިޔަ ދުވަސްތަކުގައި އެކަންކަން ދިޔައީ ވަރަށް ރަނގަޅަށްބެލެހެއްޓެމުންނެވެ. އެފަދަ ބުރަ މަސައްކަތެއް ރަށުގެ އަންހެނުންގެ ކޮމިޓީއިން އިސްނަގައިގެން ކުރިކަމީ ރަށުގެ އެންމެހާ ރައްޔިތުން ވަރަށް އުފާކުރާނޭކަމެއްކަން ޔަޤީނެވެ. އަދި އެކަމަށްޓަކައި އެންމެހާ ރައްޔިތުން އެފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް ރައްދުކުރި ކަމެވެސްމެއެވެ.

ރަށެއްގެ ރައްޔިތުންގެ ޒިންމާއާމެދު އަވަސް ކަޅިއަކުން ނަޒަރު ހިންގާލާއިރު ޝައްކެތް ނެތްގޮތުގައި ޔަޤީންވާ އެއްކަމަކީ ރަށެއްގައި ބަޔަކުމީހުން އިސްވެ ރައްޔިތުންނަށް ފައިދާކުރާނެ، ރައްޔިތުންގެ ލާބައަށްޓަކައި ކަމެއް ކުރުމުން އެކަން އެދެވޭގޮތެއްގައި ތަންފީޛު ކުރަންޖެހޭ ބަޔަކީ ރައްޔިތުންކަމެވެ. އެހެންނަމަވެސް ކުނި ކޮށިތަކުން އަޅުގަނޑުމެންނަށް ފެނިގެންދަނީ ބައެއްގެ އިހުމާލުން ކަމެއް ބޮއްސުންލައިގެން ނުދާންވާ މިންވަރަށްގޮސް، ކުނިކޮށިތަކާމެދު އެންމެނަށްމެ އިޙުމާލުވެވިފައިވާތަނެވެ. ރަށުގެ އެކި ސަރަހައްދުތަކުން ފެންނަމުންދަނީ އެމީހަކު ހިތަށްއެރި ގޮތަކަށް، އެއިރެއްގައި ފަސޭހަ ތާކަށް ކުނި އުކާ އުޞޫލުން ކުނި އުކާލެވިފައި ހުންނަ، ބަލާލުމަށް ހިތްގައިމު މަންޒަރެއްނޫނެވެ. އެހެންކަމުން މި މައްސަލައަކީ ރަށުގެ ރައްޔިތުން މިކަމާމެދު ވިސްނާ، މިހާރުން މިހާރަށް ޙައްލެއް ގެންނަންޖެހިފައިވާ މައްސަލައެކެވެ. ހަމައެހެންމެ މިވަޤުތަކީ އިޙުމާލުވެވިފައިވާ މިވަނީ ނުރައްކާތެރި މައްސަލައެއްކަމަށް ދެކި، މިކަމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ހޯދާ، އައު ޢަޒުމަކާއެކު ރައްޔިތުން އެއްބަސްވާގޮތަށް ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް އެދެވޭ ހައްލެއް ކުނިކޮށިތަކަށް ގެންނަންޖެހިފައިވާ މުޙިއްމު ވަޤުތެކެވެ.

މި ނުރައްކާތެރި މައްސަލާގައި ރަށުގައި އުފެދިފައިވާ މަދަނީ ޖަމިއްޔާ، ޖަމާޢަތްތަކުގެ ޙިއްސާ ވަރަށް ބޮޑެވެ. އެހެނީ މިފަދަ މުޖުތަމަޢަށް ލާބަހުރި ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވާންޖެހޭ ބަޔަކީ އެ ޖަމިއްޔާތަކާއި ޖަމާޢަތްތަކަށް ވާތީއެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުންވެސް އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ވީ މިންވަރަކުން ފޯރުވައި މިކަމަށް އަވަސް ޙައްލެއް ގެނައުމުގެ ހެޔޮ ވިސްނުމުން ވިސްނުން މުޙިއްމެވެ.

No comments:

Post a Comment