Wednesday, March 17, 2010

ކޭލި ޖަމިއްޔާގެ އައު ހިންގާ ކޮމިޓީ - އުޖާލާ ވިދުވަރުގެ ކަންބޮޑުވުން

އުޖާލާވިދުވަރު ނަމަކަށް ކިޔާ ބްލޮގަކީ ކަނޑިތީމާގުޅޭ ވަރަށް "ފައްކާ ލިޔުން" ހުންނަ ބޮލޮގެކޭ ރައްޓެސަކު ބުނުމުން އެ ބްލޮގަށް ވަދެ ބަލައިލާފީމެވެ. ތެދެއްމެ، ތަފާތު ކަންކަމާގުޅިގެން ލިޔެފައިވާ ހައެއްކަ ލިޔުން ބްލޮގްގައި ޝާއިޢުކޮށްފައިވެއެވެ. ފަހަރަކު ލިޔުމެއް ކިޔަމުން ދިޔައިރުގައި އެކަންކަމާގުޅޭގޮތުން ލިޔެފައިވާ ޤަބޫލުކުރެވޭފަދަ ވަރަށް ގިނަ ޙަޤީޤަތްތައްވެއެވެ. ހަމައެހެންމެ ބުޚުތާނު ދޮގުވެސް އޮޅުމަކުންނަމަވެސް ކޮންމެވެސްވަރަކަށް ލިޔެވިފައި ހުއްޓެވެ. ކޮންމެއަކަސް ލިޔުންތަކުގެ ތެރެއެއިން ސުރުޚީއެއްގައި "ކޭލި ޖަމިއްޔާގެ ފަތިފުށް" ކަމަށް ލިޔެފައި އޮތް ލިޔުން ކިޔާލިއިރުގައި ލިޔެފައިވާ ފަރާތުން އެޖަމިއްޔާއާ މެދު ވަރަށް ކަންބޮޑުވެފައިވާކަން ފާހަގަކުރެވުނެވެ. އެ ޖަމިއްޔާއާގުޅޭގޮތުން އެފަރާތަށް އިވިފައިވާ އަޑުތަކެއްގެ ވަހާކަވެސް ހިމެނިފައިވެއެވެ.

ކަންބޮޑުވުން

ފަހެ މިބައިމީހުން ކޭލި ޖަމިއްޔާއާމެދު މިހާ ކަންބޮޑުވެގެން މިއުޅެނީ ކިއެއްވެގެން ހެއްޔެވެ؟ ލިޔުންފެށިގެން ނިމެންދެން ތަކުރާރުކޮށްލީމެވެ. އިތުރަށް އޮޅުންފިލުވާލުމަށްޓަކައެވެ. ކަންބޮޑުވުމުގެ ވާހަކަ ބިނާވެފައި އޮތީ ރައްޔިތުންގެ މަންފާއަށް މާގިނަ ކަންތައްތަކެއް ޖަމިއްޔާއަށް ނުކުރެވޭކަމާއި ޖަމިއްޔާގެ ފައިސާއަށް ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުން ހަދާފާނެގޮތެއްގެ މައްޗަށެވެ. އަދި އަންނަން އުޅޭ އައު ހިންގާކޮމިޓީއަށް އިހުތިބީންނަށް ނުކުރެވުން ކަމެއް ކުރެވިދާނެކަމާމެދުއެވެ.

ރަށެއްގައި އުފެދިފައިވާ މަދަނީ ޖަމިއްޔާއެއް ކުރިއަރާ ދާނީ އެރަށެއްގައި އުޅޭ ރައްޔިތުންގެ ބައިވެރިވުން އޮތް މިންވަރެއްގެ މައްޗަށެވެ. ލާބައާއި މަންފާ ހުރިކަންކަން ރައްޔިތުންނަށްޓަކައި ކުރެވިގެންދިއުން ބިނާވެފައި އޮންނާނީ ޖަމާޢަތުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ މިންވަރެއްގެ މައްޗަށެވެ. ޖަމިއްޔާ އުފަންވީ ފަހުން ހަރަކާތްތެރި ގޮތެއްގައި ގިނަ ކަންތައްތަކެއް ކުރެވިފައި ނުވާކަން ޤަބޫލުކުރަމެވެ. އެހެނަސް މިކަމާ ކަންބޮޑުވެގެން އެވާހަކަ ކިޔާ ލިޔެ މިހަދަނީވެސް ހަމަ ކަނޑިތީމުގެ ރައްޔިތުންނެވެ. އަދި މިކަންކަމާގުޅޭގޮތުން ލިޔުން ލިޔާ މީހުންނަކީވެސް ކޭލި ޖަމިއްޔާގައި ރަޖިސްޓްރީގައި ވާ މީހުންކަމާމެދު ޝައްކެއްނުކުރަމެވެ. އެހެންކަމުން މިބައިމީހުން ފަހެ މިވާހަކަތައް ދެއްކުމުން މިޖެހުނީ ކޮންތާކުތޯއެވެ. މާ މަތީގަ ދެއްތޯއެވެ. ކޮންމެއަކަސް ކަންބޮޑުވުމާއި ހަސަދަވެރިކަން އެކުލެވިގެންވާކަމުގެ އުދާސްތައް އިންތިހާއަށް ފާޅުކުރެވިފައިވާ "ފައްކާ" ލިޔުމެކެވެ.

ރައްޔިތަކަށްވީތީވެ، އުފެދިފައިވާ މަދަނީ ޖަމިއްޔާތައް ކުރިއެރުވުމުގެ ފަރުދީ ޒިންމާ މިބައިމީހުންގެ ބޮލުގައިވެސް އެޅިފައިވާކަން ހަމަ ނުދަންނަނީހެއްޔެވެ؟ ޖަމިއްޔާއަށް ކަމެއް ނުކުރެވޭ ވާހަކަ ދައްކާއިރު މިބައިމީހުންގެ ބައިވެރިވުންވެސް ކަންކަމުގައ ބޭނުންވާނޭކަން ހަމަ ނޭނގެނީހެއްޔެވެ؟ ކަންކަން ނުވާތީ، ފައިސާއަށް ވާނުވާ ނޭނގިދާނެތީ ކަންބޮޑުވާ ބޮޑުވުން އެވާހަކަތައް އެދައްކާ ބަޔަކުވެސް ޖަމިއްޔާގެ ކަންކަމުގައި ބައިވެރިވެ، ޖަމިއްޔާއިން ހިންގާ ކަންކަމުގައި އަހުލުވެރިވެގެން އުޅޭ ނަމަ، މިހާރު އެބޮޑުވާ ކަންބޮޑުވުން ފިލުވާލެވޭނެއެވެ. ޖަމިއްޔާގައި ރަޖިސްޓްރީވެ، ޖަމިއްޔާގެ ކަންކަމުގައި ބައިވެރިނުވެ ގޭގައި ނިދަންއޮތުމަކުން ޖަމިއްޔާގެ ކަންކަމާމެދު ކަންބޮޑުވެ ވާހަކަދައްކާނެ ޖާގައެއް އަދި ނެތެވެ. ތިމާމީހުންގެ ފަރުދީ ޒިންމާ މިކަންކަމުގައި އެކުލެވިފައިވާކަން ދަނެ، ފިސާރި ކެރިގެން ނިކަން ރަނގަޅަށް ދަސްކޮށްބަލާށެވެ. ހައިރާނުން އަންތަރީސްވެ ކުޅު ހިކިންގެން އުޅޭކަށް ނުޖެހޭނެއެވެ.

ކަންކަން ކުރެވޭނީ ފެންވަރުހުރެގެން

ތެދެމެވެ. ކަންކަން ކުރެވޭނީ ފެންވަރުހުރި، ފިސާރިކެރިގެންތިބި ހިންމަތާއެކު މަސައްކަތްކުރާ މީހުންނަށެވެ. މިބައިމީހުންގެ ހިތުގައި މިކަމާމެދުވެސް ނުހަނު ކަންބޮޑުވުން އުފެދިފައިވެއެވެ. އައު ހިންގާކޮމެޓީގައި ތިބީ ކިރުބޯ ޅަދަރީންނޯލައެވެ. އެހެންވާނަމަ މިބައިމީހުންމީ އެނދަށް އަރާތިބެ ކިރުބޯ ބޮޑެތިދަރީންތާއެވެ. މިމީހުންގެ ވިސްނުމެވެ. ފުދޭވަރެއްވެއެވެ. އައު ބަޔަކު ޖަމިއްޔާއާ ޙަވާލުވާން އުޅޭތީވެސް މިމީހުންގެ ކަންބޮޑުވުންދަނީ ހައްތަހާ އިތުރުވަމުންނެވެ. ސަލާމަތެއް ނެތެވެ. ދުރުގައި ތިބެގެން މިތަޅުވާ ޗުކު ޗުކުން މީހަކު ފަހެ ހައިރާނެއް ނުވާނެހެއްޔެވެ؟ ޖަމިއްޔާ އެންމެ ފުރިހަމަގޮތުގައި ކުރިއަރާދާނީ މިބައިމީހުންގެ ބައިވެރިވުންވެސް ކަންކަމުގައި ލިބިގެންކަން މިބައިމީހުންނުދަނެއެވެ. ކުރާނީ ކީއްތޯއެވެ. މިއީވެސް އަދުގެ ޒުވާނުންނޯލައެވެ.

No comments:

Post a Comment