މޯލްޑިވްސް އެން.ޖީ.އޯ ފެޑެރޭޝަންގެ 2 ވަނަ ޖެނެރަލް އެސެމްބްލީގައި ކޭލި ޖަމިއްޔާއިން ބައިވެރިވެއްޖެ.
މޯލްޑިވްސް އެން.ޖީ.އޯ ފެޑެރޭޝަން (އެމް.އެން.އެފް) އަކީ 1996 ވަނަ އަހަރު ދިވެހިރާއްޖޭގައި އުފެދިފައިވާ މަދަނީ ޖަމިއްޔާތަށް އެއްކުޑައެއްގެ ދަށަށް ޖާމަކުރުވައި ޤަޢުމުގެ އިޖްތިމާޢީ ތަރައްޤީގެ ޙާލަތު އިތުރަށް ތަރައްޤީކުރުމަށް ބާރުއަޅައި، މަދަނީ ޖަމިއްޔާތައް ދިރިދެމިގެންދާފަދަ ރޫޙަކާއެކު ކުރިއެރުވުމަށް މަގުދައްކައިދީ، އެފަދަ ކަންކަމަށް މަސައްކަތްކޮށް، އުފެދިފައިވާ އެންމެހާ މަދަނީ ޖަމިއްޔާތަކަށް އެހީފޯރުވައިދިނުމުގެ މަޤުޞަދުގައި އުފައްދާފައިވާ ފެޑެރޭޝަނެކެވެ. މިހާތަނަށް މި ފެޑެރޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 44 ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފައިވެއެވެ. އެގޮތުން ކޭލި ޖަމިއްޔާއަކީވެސް ފެޑެރޭޝަންގެ މެންބަރެކެވެ.
މި މަހުގެ 18-20 އަށް ހޮލިޑޭއިންގައި ކުރިއަށް ގެންދިޔަ މި އެސެމްބްލީގައި ކޭލިޖަމިއްޔާއިން ވަނީ ބައިވެރިވެފައެވެ. މި އެސެމްބްލީގެ ހުޅުއްވައިދެއްވަމުން ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވީ "އަޅުގަނޑުމެންގެ ޤައުމު މިއަދު މިވަނީ ދިވެހިން ދުވަހަކުވެސް ދެކެފައިނުވާފަދަ ނުރައްކާތެރި ޙާލަތެއްގަ" ކަމަށެވެ. މާރާމާރީއާއި މަސްތުވާއެއްޗެހި ބޭނުން ކުރާމީހުން އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، އިތުރަށް ވިދާޅުވީ "މިފަދަ ނުރައްކާތެރިކަމަކުން މުޖުތަމަޢު ސަލާމަތްކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ވަރަށްވެސް ފުޅާ. ކަންކަންމަތީގައި ކަމެއް ނެތި، ވަޒީފާއެއްނެތިފައި ތިބޭ އެތައް ޒުވާނުންނެއް އެބަތިބި. އެހެންކަމުން މިފަދަ މީހުން މޮބިލައިޒް ކޮށް، މަދަނީ ޖަމިއްޔާތަކުން ހިންގާ ތަފާތު ޙަރާކާތްތަކުގައި މިފަދަ ޒުވާނުން ބައިވެރިކުރެވިދާނެ" ކަމުގައެވެ.
18 ވަނަ ދުވަހު ކުރިއަށް ދިޔަ ފުރަތަމަ ސެޝަންގައި 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ފާސްކުރުން އޮތެވެ. އަހަރި ރިޕޯޓްގައި ކުދި މައްސަލަ ހުރުމާއެކު މެމްބަރ ޖަމިއްޔާތަކުން ހުށަހެޅި އިޞްލާޙުތައް އިތުރުކޮށް، ހަތް މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވުނެވެ. އަދި ފެޑެރޭޝަންގެ ހިންގާ ޤަވާޢިދަށް އިޞްލާޙު ގެނައުމަށްވެސް މެމްބަރ ޖަމިއްޔާތަކުގެ ޚިޔާލު ހޯދުނެވެ. އެހެންނަމަވެސް އެހާކުޑަވަގުތުކޮޅެއްގައި ވިސްނާލުމަށްފަހު ހުށަހަޅާ އިސްލާހަކުން އެފަދަ ހިންގާ ޤަވާޢިދަކަށް އިސްލާޙު ގެނައުމަށް ފާސްކުރުމަކީ ވިސްނާލަންޖެހޭކަމެއްކަމަށް ބައެއް މަންދޫބުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤަވާޢިދަށް މެންބަރު ޖަމިއްޔާތަކުން ގެންނަން ބޭނުންވާ އިޞްލާޙުތައްގެނައުމަށް އަދި ފަހުން އިތުރު ބައްދަލުވުމެއް ބާއްވާނީކަމަށް ގިނަ މަންދޫބުންގެ ތާއީދާއެކު ފެޑެރޭޝަންގެ ރައީސް ނިންމެވިއެވެ. އެއަށްފަހު ކުރިއަށް ގެންދިޔައީ އާދައުރަކަށް ފެޑެރޭޝަންގެ ގަވަރނިންގ ކައުސިލް އިންތިޚާބު ކުރުމެވެ.
ފެޑެރޭޝަންގެ ފާއިތުވި ދައުރުގެ ގަވަރނިންގ ކައުސިލުން އެކަށައަޅާފައިވާ "ސްވޮޓް އެނަލައީސިސް" (SWOT Analysis) ފާސްކުރުމާއި ކުރިއަށް އޮތް ފަސް އަހަރުގެ ދިގުމުއްދަތުގެ "ސްޓްރެޓެޖީކް ޕްލޭން" (Strategic Plan) އެކުލަވާލައި ފާސްކުރުން އޮތެވެ. ސްވޮޓް އެނަލައީސިސްއަކީ ފެޑެރޭޝަންގެ ހުރި ޤާބިލިއްޔަތުކަމާއި ބަލިފައިތަކާއި ލިބިފައި ހުރި ފުރުޞަތުތަކާއި ކުރިމަތިވެފައިވާ ދަތިތަކާއި ހުރަސްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޚުލާޞާ ރިޕޯޓެކެވެ. މީގެ އިތުރުން ފާސްކުރި "ސްޓްރެޓެޖީކް ޕްލޭން"ގެ މައްޗަށް ބިނާކޮށް 2010ވަނަ އަހަރުގެ "އެކްޝަން ޕްލޭން" އެކުލަވާލައި ފާސްކޮށްފައިވެއެވެ.
މި ބައްދަލުވުމުގެ ފަހު މަރުޙަލާގައި ކުރިއަށްގެންގޮސްފައިވަނީ މަދަނީ ޖަމިއްޔާތަކުން މިހާތަނަށް ތަޖުރިބާކޮށްފައި ހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޖަމިއްޔާތަކާބެހޭ ޤާނޫނު (1/2003) އަށް އިޞްލާޙު ހުށަހެޅުމެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ އެދިލެއްވުމުގެ މަތިން މި ސެޝަންގައި މެންބަރު ޖަމިއްޔާތަކުން ފާހަގަކޮށްފައިވާ ކަންކަން އެމިނިސްޓްރިއަށް ހުށަހަޅާގޮތަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާހުރެ ގިނަ މެމްބަރު ޖަމިއްޔާތަކުން މި ބައްދަލުވުމުގައި ބައިވެރިނުވެވުމުގެ ސަބަބުން އަދި އިތުރު ބައްދަލުވުމެއް ބާއްވާ، ދައުލަތުގެ ބަންޑާރަނައިބުގެ ލަފާފުޅާއެކު ކުރިއަށް ގެންދާގޮތަށް ނިންމިއެވެ. މީގެ އިތުރުން ބަންޑާރަ ނައިބު ވަޑައިގެން މިހާރު ހުށަޅާފައިވާ ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާބެހޭ ބިލުގެ މަޢުލޫމާތު މަދަނީ ޖަމިއްޔާތަކާއި ޙިއްސާކޮށް މަންދޫބުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައްދަލުވުމުގައި ބައިވެރިވި 22 ޖަމިއްޔާއަށް މެންބަރުކަމުގެ ލިޔުން ޙަވާލުކުރުން އޮތެވެ. މި ބައްދަލުވުމުގައި ލިބުނު މަޢުލޫމާތާއި ޖަމިއްޔާތަކުގެ ފަރާތުން ހިއްސާކުރެއްވި ކަންކަމަކީ ފެޑެރޭޝަންގެ ކުރިއެރުމަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްވަރަކާއި ކުރިއެރުމެއްކަމަށް ފެޑެރޭޝަންގެ މިދައުރުގެ ރައީސާ ފާތިމަތު އާފިޔާ ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ "ކެނެޑާ ފަންޑް" އާއި "ހޮލީޑޭއިން" ގެ އެހީއާކުކަމަށް ފެޑެރޭޝަން އިން ހާމަކުރައްވައެވެ.

No comments:
Post a Comment