ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޒާތީ މަސްލަޙަތު
ދިވެހިރާއްޖޭގެ ޖުމުޙޫރިއްޔާގެ ޤާނޫނު އަސާސީ ވަރަށް ސާފެވެ. ޤާނޫނު އަސާސީގެ 24 ވަނަ މާއްދާގައި ޒާތީ ދިރިއުޅުން ބަޔާންކޮށްދީފައިވަނީ "ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާއި ކުރާ ޒާތީ މުއާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ." މިފަދައިންނެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީގައި ވަރަށް ފުރިހަމައަށް ލިބިދީފައިވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިހެންނެވެ. ހަމަ އެހެންމެ ނޫސްވެރިކަމުގެ މިނިވަންކަމަކީވެސް ޤާނޫނު އަސީސީ ކަށަވަރުކޮށްދޭ މިނިވަންކަމެކެވެ. 28 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައިވަނީ "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަޞީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެ ތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަގޮތްތަކާއި ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ." މި ޢިބާރާތުންނެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދޭ މިނިވަންކަމެކެވެ. އެހެންނަމަވެސް ޤާނޫނު އަސާސީން ލިބިދޭ މިނިވަންކަމެއް ނުވަތަ ޙައްޤެއް ނަހަމަގޮތުގައި ބޭނުންކުރުމަކީ މުޖުތަމަޢުގެ ތެރޭގައި ފަސާދައާއި ނުރައްކަލަށް ހުޅުވޭ ދޮރަކަށްވުން ވަރަށް ގާތެވެ. ހާމަކަންބޮޑު ގޮތެއްގައި ފެންނަން ހުރި މިޡާލުތައް ނުހަނު ގިނައެވެ. މި ކުޑަ ކުޑަ ކަނޑިތީމުގައިވެސް މިފަދަ މަންޒަރުތައް ފެންނަމުން އެބަދެއެވެ. ހިތާމަހުރިކަމެކެވެ. އެހެންނޫންތޯއެވެ.
އަޅުގަނޑުމެންގެ ތެރޭގައި ޒަމާނަށްއައި ކުރިއެރުމާއި ތަރައްޤީގެ ބޭނުން ހިފާމީހުން ވަރަށްގިނައެވެ. އޮންލައިން ވެބްސައިޓްތަކާއި ބްލޮގް ލިޔާމީހުން ޢަދަދު ގުނާލުމަށް ވަރަށް ދައްޗެވެ. އެގޮތުން ކަނޑިތީމުގެ ރައްޔިތުންގެ ތެރޭގައިވެސް މިފަދަ ވަޞީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތާއި، ޚިޔާލާއި، ޚަބަރުފެތުރުމަށް ތަފާތު ނަންނަމުގައި ވެބްސްއިޓާއި ބްލޮގްތައް ތައްޔާރުކޮށް ހިންގަމުންގެންދެއެވެ. ބައެއް ބްލޮގަކީ މީހުންނަށް ބަދު ބަސް ބުނެ، އާޑަފުރައްސާރައިގެ ވާރޭ ވެއްސާ ތަންތަންކަމުގައި ހަދާފައިވާ ބްލޮގެވެ. އެކުލެވިގެންވަނީ ތެދު މަޢުލޫމާތާއި ދޮގޮ މަޢުލޫމާތެވެ. ބައެއްކަންކަމުގައި ފަތުރަމުން ދަނީ މުޖުތަމަޢު ފަސާދަވާފަދަ ނުރައްކާތެރި ޚަބަރުތަކެވެ. ފާޅުކުރަމުންދާ ޚިޔާލުތަކާއި ޝާއިޢުކުރަމުންދާ ލިޔުންތަކަކީ އޭގައި އިންތިހާއަށް ޒާތީ މަސްލަޙަތު އިސްކުރެވިފައިވާ އަދި އެކުލެވިގެންވާ ޚިޔާލާއި ލިޔުންތަކެވެ.
ނަހަމަ ގޮތުގައި ފާޅުކުރާ ޚިޔާލަކުން، މުޖުތަމަޢުތެރޭގައި ފަތުރާ ޚަބަރަކުން ނުވަތަ މީހެއްގެ އަބުރަށް ހުތުރުވާގޮތަށް ޝާއިޢުކުރާ ލިޔުމަކުން މުޖުތަމަޢު ފަސާދަވެގެން ދިއުންވަނީ ނުހަނު ގާތުގައެވެ. ކަނޑިތީމާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމަށްޓަކައި ތައްޔާރުކޮށްފައިވާ "އުޖާލާވިދުވަރު" ނަމަކަށްކިޔާ ބްލޮގެއްވެއެވެ. ފެންނަފެނުމަށް ބްލޮގް ކިތަންމެހާވެސް ރީތިވެފައި ޗާލެވެ. އެހެނަސް ޝާއިޢުކުރެވިފައިވާ ގިނަ ލިޔުންތަކުގައިވަނީ ދޮގު މަޢުލޫމާތާއި ކޮންމެވެސް ކަމަކާގުޅިގެން ވަކި ފަރާތަކާ ފިލުވާލެވިފައިވާ ހަސަދަ އިންތިހާއަށް އެކުލެވިގެންނެވެ. ރަށުގައި އުފެދިފައިވާ މަދަނީ ޖަމިއްޔާއާއި ގުޅޭގޮތުންވެސް ލިޔެފައިވާ ލިޔުމަކީ އޮއްޓަރެއް އޭގައި އެކުލެވިގެންނުވާ ރައްޔިތުންނަށް އޮޅުންއަރާފަދަ ލިޔުމެކެވެ. އެބައިމީހުން ހިމެނޭކަމެއްގައި އެބައިމީހުންނަށް ނުވިކަމެއް ޒުވާންޖީލު ނިކުމެ ކުރަންއުޅޭތީއަށްވެސް ވެދާނެއެވެ. އެހެންކަމުން އުޖާލާވިދުވަރުގެ "ޔޫވީ" ޓީމަށް ގޮވާލަނީ ޒާތީމަސްލަޙަތު އެއްފަރާތްކޮށް ރައްޔިތުންނަށް ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ބްލޮގަކަށް އުޖާލާވިދުވަރުހެދުމަށެވެ. ޒިންމާދާރު ލިޔުންތެރީންނަށް ވުމަށެވެ. ޤާނޫނީ ތަރަހައިން ބޭރުގައި، ލިބިފައިވާ މިންވަންކަން ބޭނުން ނުކުރުމަށެވެ. މުޖުތަމަޢު ފަސާދަ ކުރުމަށް މަސައްކަތްނުކުރުމަށެވެ.
No comments:
Post a Comment