Tuesday, November 24, 2009

އޫރު ރޯގާއަށް ޝައްކު ކުރެވޭ ދެ ޒުވާނަކު ށ. ގޮއިދޫއިން ފެނިއްޖެ




ށ. ގޮއިދޫއިން އޫރު ރޯގާއަށް ޝައްކު ކުރެވޭ ދެމީހަކު ފެނިއްޖެއެވެ. މި ދެމީހުންނަކީ ށ. ގޮއިދޫ ޙުސައިން ޝިޔާމު، 21 އަދި އާސިމާ ޢަބްދުލް ޝުކޫރު، 17 ކަމަށާއި މިދެ މީހުންނަކީ އެއް ޢާއިލާއެއްގެ ދެމީހުންކަމަށް ށ. ގޮއިދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ. "އިންފުލުއެންޒާ އޭ" ގެ އަސަރު މިމީހުންގެ ހަށިގަނޑުގައި ހުރިކަން ޔަޤީންވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ހުންއައިސް ރޯގާ ޖެހިފައި ހުރުމުން ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކިއިރު އޫރޫ ރޯގާއަށް ޝައްކު ކުރެވިގެން އެމީހުންގެ ސާމްޕަލް ނަގައި ހެލްތް މިނިސްޓްރީ އަށް ފޮނުވުމަށްފަހު ކުރި ތަޙުލީލުންނެވެ.

މިމީހުންނަށް ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށާއި އެމީހުންގެ ޙާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަކަމަށް ގޮއިދޫ ޞިއްޙި މަރުކަޒުން މަޢުލޫމާތު ލިބިފައިވެއެވެ.

މީގެތެރެއިން ހުސައިން ޝިޔާމަކީ ކަންނެލީގެ މަސްވެރިކަމުގައި އުޅޭ މީހެއްކަމަށާއި ފާއިތުވި ހަފްތާގައިވެސް އޭނާ އުޅުނީ ކަނޑުމަތީގައި ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި އެންމެ ފުރަތަމަ ހުމުގެ އަސަރު ފެނިފައިވަނީވެސް އޭނާ ކަނޑުމަތީގައި ހުއްޓާކަމަށްވެއެވެ. ރަށަށް އެނބުރި އައިސް ހުންއައިސްފާ ހުރިކަމަށް އޭނާގެ ޢާއިލާއަށް މަޢޫލޫމާތު ދީފައިވެއެވެ. އަދި އެދުވަހުގެ ރޭ އިތުރަށް ޙާލު ބޮޑުވެފައިވާކަމަށާއި ޑޮކްޓަރަށް ދައްކާފައިވަނީ އޭގެ އަނެއްދުވަހު ކަމަށްވެސް ޚަބަރު ލިބިފައިވެއެވެ.

No comments:

Post a Comment