ޢީދު ކުޅިވަރު ފޯރިއާއެކު ނިންމާލައިފި
1430މ ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ތަފާތު ކުޅިވަރުތަކެއް ފީނި ގުރޫޕުން އިސްނަގައިގެން ކަނޑިތީމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޢީދު ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސް ރައްޔިތުންގެ ޝަޢުގުވެރިކަން ހޯދުމަށްޓަކައި ވަރަށް ބުރަކޮށް ވަރަށްގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފިރިހެނުންގެ ބައިބަލާ މުބާރާތަކާއި ވާދެމުމުގެ މުބާރާތެއް ކުރިއަށް ގެނގޮސްފައިވެއެވެ. އަދި މީގެ އިތުރުން ރަށުން ބޭރު ތިން ގްރޫޕެއް ގެނެސް އެމީހުންގެ ފަރި ޙަރަކާތްތައް ދައްކާލަފައިވެއެވެ. ޒަމާންތަކަށްފަހު ކަނޑިތީމުން ފެނިފައިނުވާ ދިވެހިންގެ ސަގާފި ކުޅިވަރުވެސް މީގެ ތެރޭގައި ހިމެނިގެން ގޮސްފައި ވެއެވެ.
ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވާއިރު ވާދެމުމުގެ މުބާރާތުން ޗެމްޕިއަންކަން ފީނި ޓީމާ ވާދަކޮށް އެކޯސްޓިކްސް ވަނީ ހޯދާފައެވެ. އަދި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ނިލަމެހި ޓީމާ ވާދަކޮށް ފީނި ޓީމުން ވަނީ ހޯދާފައެވެ.
ރަށުގެ ކުދި ބޮޑު މީހުން ކުޅިވަރު ބަލަން ނިކުމެ ތިބިއިރު ކުރީއަހަރުތަކާއި ޚިލާފަށް ވަރަށް މަދު ބަޔަކު ނިކުމެތިބިކަން ފާހަގަކޮށްލެވެއެވެ. އަދި ރޭގަނޑުގެ ޝޯތައް ކުރިއަށް ދިޔަ ވަގުތުގައިވެސް އެ ސަރަޙައްދަށް އެއްވެފައި ތިބީ ވަރަށް މަދު ބަޔަކުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ޢީދުގެ ދެވަނަ ދުވަހުގެ ޙަވީރުގެ ވަގުތުގައި ކުރިއަށްދިޔަ ހިތްގައިމު ސަގާފީ ކުޅިވަރުތަކުގެ ފުރިހަމަކަމުގެ ވާހަކަ ރައްޔިތުން ފާހަގަ ކުރަމުން ދިޔައިރު ރޭގަނޑުގެ ޝޯތަކުގައި އެއްވެސް ޝައުގުވެރިކަމެއް ގިނަ ބައެއްގެ ނެތްކަން ޝަކުވާގެ ރާގުގައި ކިޔަމުންދިޔައެވެ.
ފީނި ގްރޫޕުން ދަޢުވަތު ދީގެން ރަށުން ބޭރުން ގެނައި ތިން ގްރޫޕަށް އެންމެ އެދެވޭ ގޮތެއްގައި އިންތިޒާމްތައް ހަމަޖެހިފައި ނެތްކަމަށް ރަށުތެރޭގައި ވަނީ އަޑުތަށް ފެތުރިގެން ގޮސްފައެވެ. އޭގެތެރޭގައި ހއ. ކެލާއިން އައި ގްރޫޕުން ޝޯ ނިންމާލުމަށްފަހު ކަނޑިތީމު ފުރައިގެން ދާންޖެހުނީ ކަނޑިތީމުގެ ދެތިން މީހުންގެ އަލްވާދާޢުއާއެކު ހެނދުނުގެ ނާސްތާއާއި ނުލައި ފިހާރަތަކުން ލުއިކާނާ ގަނެގެންކަން އީ-ކަނޑިތީމުގެ މުރާސިލުން ކަށަވަރުކޮށްދެއެވެ. މިކަމާބެހޭގޮތުން ކަނޑިތީމުގެ ދުވަސްވީ މީހަކާ ވާހަކަ ދައްކާލުމުން ބުނީ "އެމީހުންފުރައިގެން ދިޔަ އިރު އަހަރެން އިނީ އެތާ ޖޯލީގަ. އެމީހުން ފުރުވަން ގޮސް ތިބީ ދެތިން މީހުން. މިއީ ޙަޤީޤަތުގައި ވަރަށް ހިތާމަހުރި ކަމެއް. ކަނޑިތީމުގެ ތާރީޚުގައި ދުވަހަކުވެސް ދެކެފައި ނުވާ ހިތްދަތި މަންޒަރެއް." ކަނޑިތީމުގެ އެތައް ބަޔަކު މިފަދަ އެތައް ހިތްދަތި ޝުޢޫރުތަކެއް ފާޅުކުރާނެކަން ޔަޤީނެވެ.
ކަނޑިތީމުގެ މާޒީއަށް ނަޒަރު ހިންގާލާއިރު ޔަޤީންވާކަމަކީ ކަނޑިތީމު ރައްޔިތުންނަކީ ވަރަށް އެކުވެރި އެއްބައިވަންތަ ބައެއްކަމެވެ. ޚާއްޞަ ގޮތެއްގައި ޢީދުގެ އުފާ ޙާޞިލުކުރަމުން ދާ އުފާވެރި ވަގުތުގައި މިކަން އެންމެނަށްމެ ޔާޤީންވެގެންދެއެވެ. އެހެންނަމަވެސް މިފަހަރު ފެނިގެން ދިޔައީ ވަރަށް ހިތްދަތި މަންޒަރެކެވެ. ކުލިބަލަން ގިނަ ބަޔަކު ނުނިކުތް އިރު ސްޓޭޖް ޝޯތައް ބަލަންވެސް ނިކުތީ ވަރަށް މަދު ބަޔެކެވެ. އަދި ރަށުން ބޭރުން ގްރޫޕްތައް ކަނޑިތީމަށް ޒިޔާރަތް ކުރިއިރު އެމީހުންނަށް މަރުޙާބާ ކިޔުމަށާއި އަލްވަދާޢު ކިޔުމަށް ނިކުތީ ވަރަށްވެސް މަދު ބަޔަކެވެ. ކުރިއަށް ހުރި އަހަރުތަކުގައި ޢީދު ފާހަގަކުރުމަށް އިސްނަގާބަޔަކު މިކަންކަމާ ވިސްނާ އަތުން ދޫވެގެން ގޮސްފައިވާ ކަންކަން ރަނގަޅު ކުރުމަކީ ޢީދު އިތުރަށް ފުރިހަމަވެގެން ދާނެކަމެއްކަން ޔަޤީނެވެ.

No comments:
Post a Comment